ޚަބަރު

އދ. އަތޮޅު ޤުރްއާން މުބާރާތް 2016 ގެ 1 ވަނަ ރަށަކަށް މަހިބަދޫ، އަދި 1 ވަނަ ދަރިވަރަކަށް އދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރު މަރްޔަމް ނައުޝީން ޢަބްދުﷲ ހޮވިއްޖެ.

އދ. އަތޮޅު ޤުރްއާން މުބާރާތް 2016 ގެ 1 ވަނަ ރަށަކަށް މަހިބަދޫ، އަދި 1 ވަނަ ދަރިވަރަކަށް އދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރު މަރްޔަމް ނައުޝީން ޢަބްދުﷲ ހޮވިއްޖެ. މި މެއި މަހުގެ 05 އިން 07 އަށް މަހިބަދޫގައި ބޭއްވި މި މުބާރާތުގައި އދ. އަތޮޅުގެ 7 ރަށުން ބައިވެރިވެފައިވެއެވެ. އެއީ ހަންޏާމީދޫ، އޮމަދޫ، ކުނބުރުދޫ، މަހިބަދޫ، ދަނގެތި، ދިގުރަށް، އަދި މާމިގިލި އެވެ. ބަލައިގެން ކިޔެވުމާއި ހިތުން ކިޔެވުމުގައި ބައި ހިމެނޭގޮތަށް ކުރިއަށް ގެންދިޔަ މި މުބާރާތުގައި ޖުމްލަ 86 ދަރިވަރުން ކިޔަވާފައިވެއެވެ.

       މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ޖަލްސާ ބާއްވާފައިވަނީ 07 މެއި 2016 ދުވަހުގެ މެންދުރުފަހު 02:00 ގައި އަތޮޅު ތަޢުލީމީ މަރުކަޒުގެ ހޯލުގައެވެ. މުޅި މުބާރާތުން ވަނަވަނަ ހޯދި ދަރިވަރުންނަށާއި ރަށްރަށަށް ތައްޓާއި އިނާމާއި ހަނދާނީ ލިޔުން ޙަވާލުކޮށްދެއްވީ މި ޖަލްސާގެ ޝަރަފްވެރި މެހްމާން އދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޕްރިންސިޕަލް އަލްފާޟިލް މޫސާ ނަދީމްއެވެ.

       މުޅި މުބާރާތުން 2 ވަނަ ހޯދީ އދ. ދަނގެތިއެވެ. އަދި 3 ވަނަ ހޯދާފައިވަނީ އދ. މާމިގިލި އެވެ.

       މުޅި މުބާރާތުން 2 ވަނަ ހޯދި ދަރިވަރުންނަކީ އދ. އަތޮޅު މަދަރުސާގެ ދަރިވަރު ފާޠިމަތު އަމްނާ ޢަލީ ރަޝީދުއާއި، އދ. ދަނގެތީ ސްކޫލްގެ ދަރިވަރު މުޙައްމަދު ޢައްޒާމްއެވެ.

       މުޅި މުބާރާތުން 3 ވަނަ ހޯދި ދަރިވަރުންނަކީ އދ. ދަނގެތީ ސްކޫލްގެ ދަރިވަރު މުޙައްމަދު ޝާއިފްއާއި އދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރު އަޙްމަދު ހުމާމްއެވެ.

       އދ. އަތޮޅު ޤުރްއާން މުބާރާތް 2016 މަހިބަދޫގައި ބޭއްވުމަށް ފާހަގަކޮށްލެވޭފަދަ ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާތީ އދ. މަހިބަދޫ ކައުންސިލަށާއި، އދ. އަތޮޅު ތަޢުލީމީ މަރުކަޒަށް އަދި އދ. މަހިބަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް އދ. އަތޮޅު ކައުންސިލްގެ ފަރާތުން ހަނދާނީ ފިލާ މި ޖަލްސާގައި ދީފައިވެއެވެ. މި ހަނދާނީ ފިލާ އެފަރާތްތަކަށް ޙަވާލުކޮށްދެއްވީ އދ. އަތޮޅު ކައުންސިލްގެ ނާއިބްރައީސް އަލްފާޟިލް ޢަލީ ޢަޒަމްއެވެ. 

ކޮމެންޓް ކުރައްވާ
ނަން
އީމެއިލް (ޕަބްލިޝް ނުކުރާނެ)
ކޮމެންޓް

Please Enter both words below, separated by a space
Loading Comments