އދ. އަތޮޅު

އދ. އަތޮޅު

 

އަތޮޅު ތަރައްޤީގެ ތަޞައްވުރު:

އަރިއަތޮޅު ދެކުނުބުރިއަކީ، އިސްލާމްދީނަށް ލޯބިކުރާޞިއްޚީގޮތުން ދުޅަހެޔޮ ޢިލްމުވެރި އެކުވެރި ޢަދުލުވެރި ފުދުންތެރި ހޭލުންތެރި އުފެއްދުންތެރި ދިވެހިވަންތަ ރައްޔިތަކު ދިރިއުޅޭ، ޤުދުރަތީ ވަޞީލަތްތައް ޙިމާޔަތްކުރެވިފައިވާ، ފާގަތި ހިތްގައިމު އަމާން އަތޮޅަކަށް ވާނެއެވެ.

 

ޝިއާރު:

"މަގޭ އަތޮޅު - ނަމޫނާ އަތޮޅު"

 

 

އާބާދީ

 

އަތޮޅުގެ އާބާދީގައި މީހުން ދިރިއުޅޭ އަދަދަކީ 9913 އެވެ. އެއީ 4757 އަންހެނުންނާއި،5156 ފިރިހެނުންނެވެ. މީހުން ދިރިއުޅޭ ގެދޮރުގެ ޢަދަދަކީ 1439 އެވެ.

 

 

ބޯހިޔާވަހިކަން

 

މިއަތޮޅުގައި މީހުން ދިރިއުޅުމަށް އާބާދު ކުރެވިފައިވަނީ 10 ރަށެވެ. އެންމެ މަދުއާބާދީއެއް އޮންނަނީ ދިއްދޫގައެވެ. އެއީ188 އެވެ. އެންމެގިނަ އާބާދީއެއް އޮންނަނީ މާމިގިލީގައެވެ. އެއީ 2517 އެވެ. އަތޮޅުގެ އެންމެންނަށް، އެމީހުން ދިރިއުޅޭ ރަށްރަށުން ބޯހިޔާވަހިކަން ލިބިފައިވެއެވެ. އިތުރަށް ގޯތިދޭނެ ބިން ހުރި ރަށްރަށަކީ މަންދޫ، މާމިގިލި، ދިއްދޫ، ދިގުރަށެވެ.

 

 

ޢަދުލު އިންޞާފު

 

މިއަތޮޅުގެ ހުރިހާ ރަށެއްގައި މެޖިސްޓްރޭޓްކޯޓްތައް ޤާއިމްކުރެވިފައިވެއެވެ. އޮމަދޫ، މަހިބަދޫ، މަންދޫ، ދަނގެތި، ދިގުރަށް، ފެންފުށި، މާމިގިލި މި ރަށްރަށުގެ ކޯޓްތަކުގައި ދާއިމީ ޤާޟީއަކު ހުރެއެވެ. ހަންޏާމީދޫ، ކުނބުރުދޫ، ދިއްދޫ މި ރަށްރަށުގައި ވަގުތީ ޤާޟީއަކު ހުރެއެވެ. އަދި މަހިބަދޫގައި ޕޮލިސްސްޓޭޝަން ހުރުމާއެކު މާމިގިލީގައި ފުލުހުންގެ ޚިދުމަތްދޭ ޔުނިޓެއް ޤާއިމުކުރެވިފައިވެއެވެ.

 

       

އާޘާރީ ތަންތަން

 

އދ. އަތޮޅު ފެންފުށީ އާސާރީ މިސްކިތް

 

މިއަތޮޅަކީ ދިވެހިރާއްޖޭގެ ތާރީޚުން ފާހަގަކުރެވޭ އަތޮޅެކެވެ. މަޝްހޫރު ހުރާގޭ ދަރިކޮޅާއި ކަކާގޭ ޢާއިލާއާއި މިއަތޮޅު ފެންފުށްޓާއި ގުޅިފައިވެއެވެ. އަދި މާލޭ ހުކުރުމިސްކިތާއި ގާތްކުރާ ސިފައެއްގައި ޢިމާރާތް ކުރެވިފައިވާ އާޘާރީ މިސްކިތަކާއި މަހާނަގައު ޖަހާފައިވާ ޤަދީމީ ޤަބުރުސްތަނަކާއި އިހުޒަމާނުގެ ދިވެހިން ދިރިއުޅުން ދައްކައިދޭ ވެވެއް މިރަށުގައި ޙިމާޔަތް ކުރެވިފައިވެއެވެ. އަދި އައްސުލްޠާނު އިބްރާހީމް ކަލާފާނުގެ ޒިޔާރަތް ހުންނަނީ މިއަތޮޅު ހަންޏާމީދޫގައެވެ. އެއީ ދިވެހި ރަސްކަލެއްގެ ޤަބުރުކަމަށްވުމާއެކު ސަރުކާރުން އެތަން ބަލަހައްޓަވަމުން ގެންދެއެވެ.